ޕީޕީއެމުން ތިބީ އިންތިހާބު ބާތިލުކުރާނެ ކަމުގެ ޔަގީންކަމުގައި!

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިޔާސީ އިންތިހާބު ނިމި ބަލި ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިއުލާނު ކުރެއްވުމަށް ފަހު އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ވައްދައިފަ އެވެ. މައްސަލަ ބިނާކޮށްފައި ވަނީ އިންތިހާބީ ގިނަ ޝަކުވާތަކެއްގެ މައްޗަށެވެ.

މައްސަލަ ހުށަހެޅުއްވި ފަހުން ޕީޕީއެމްގެ ލީޑަރުން އަދި އެ ޕާޓީގެ ފަރާތުން ވާހަކަފުޅު ދައްކަވާ ބޭފުޅުން ވިދާޅުވަމުން ދަނީ ސުޕްރީމް ކޯޓުން އިންތިހާބު ބާތިލު ކުރާނެ ކަމަށެވެ. އަދި އަލުން އިންތިހާބު ބާއްވައި ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"މި މައްސަަލާގައި ތިޔަ ބޭފުޅުން ބަލިކޮށްފައި އިންސާފު ހޯދާފައި އަލުން އިންތިހާބެއް ބާއްވާފައި އަޅުގަނޑުމެން ނިންމާނީ." ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އަދުރޭ ވިދާޅުވީ އިލެކްޝްންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝާރީފަށް ޖެހިވަޑައިގަންވާނީ އެ މައްސަލާގައި "ކުޑަކަކޫ ޖަހަން" ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ އެބޭފުޅުންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ ދެވަނަ ފަހަރަށް އިންސަފުވެރި އިންތިހާބަކަށް ދާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ވެސް ކުރިއަށްދާ އެ މައްސަލައަކީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށް މައްސަލާގައި ކޯލިޝަނުގެ ފަރާތުން ސުޕްރީމް ކޯގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިން ވަނީ ވިދާޅުވި އެވެ.

"ރައީސް ޔާމީން ހުށަހަޅުއްވައިގެން މިއުޅޭ މައްސަލާގައި ބޮޑަށް މި އޮތީ ދެލި ފުހެވޭ ގަލަމެއްގެ ވާހަކައާ. ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ފުހެވޭ ވާހަކަ. މުޅިން ކޮންސްޕިރެސީ ތިއަރީއެއްގެ މައްޗަށް ބިނާކޮށް މައްސަލަ ހުށަހަޅުއްވާފައި މިއޮޮތީ." ހިސާން ވިދާޅުވި އެވެ.

އެހެންވީމާ އިންތިހާބު ބާތިލު ކުރެވޭނެ އެއްވެސް ކަހަލަ އަސާސެއް އެމައްސަލާގައި ނެތް ކަމަށް ކޯލިޝަނުގެ ގާނޫނީ ޓީމުން ދަނީ ފާހަގަ ކުރައްވަމުންނެވެ.

ކޯލިޝަންގެ ގާނޫނީ ޓީމު -- ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

އެފަދަ ވާހަކަތަކެއް ކުރި ނަމަވެސް އިންތިހާބު ބާތިލު ކުރާނެ ކަމަށް ޕީޕީއެމުން ދޭ ޔަގީން ކަމަށް ބަދަލެއް ނާދެ އެވެ. ޕީޕީއެމުން ބޭއްވި މުޒާހަރާގައި އެ ޕާޓީގެ ކައުންސިލު މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވެފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގައުމީ މައްސަލަ އެކެވެ. އެއީ ދިވެހި ރައްޔިތުންނާ ގުޅުން ހުރި ގައުމުގެ ހައްގުގައި ހުށަހެޅުއްވި މައްސަލަ އެކެވެ.

"ރައީސް ޔާމީން މިކުރައްވާ މަސައްކަތަކީ ގައުމީ ޖިހާދެއްކެ. މިއަދު މި މަސައްކަތް ރައީސް ޔާމީން ހިއްވަރުފުޅު ކުރައްވާފައި ކުރައްވަން ތެދުވެވަޑައި ނުގެންނެވި ނަމަ މި ގައުމު ހޯދާ ނުފެންނާނެއޭ. އެހާ ވެސް ސީރިއަސް މަސައްކަތެއް އެ ކުރައްވަން ފެއްޓެވީ."

މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ބާއްވާފައިވާ އިރު ސުޕްރީމް ކޯޓުގެ ނިންމުމަށް ޕީޕީއެމުން ވެސް އަދި ކޯލިޝަނުން ވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

comment ކޮމެންޓް