ސިޔާސީ ފިކުރާއި ދީން ހަތިޔާރަކަށް ނެގުން

ޖަމާއަތެއްގައި ނަމާދުކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެއްވެސް ކުށަކާ ނުލައި، އެންމެ ގިނައިން އަނިޔާ ދެވޭ މައުސޫމުންގެ ތެރޭގައި ހިމެނޭ އެކައްޗަކީ އިންސާނުން ވާހަކަ ދައްކައި އުޅޭ ބަހެވެ. ބަސް އެއްވެސް ކުށެއް ނުކުރެއެވެ. ނަމަވެސް އިންސާނުން ބަހަށް ގިނަގުނަ އަނިޔާތައް ދެއެވެ. އެކިއެކި ލަފުޒުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އެކިއެކި އިބާރާތްތައް ނާޖާއިޒު ގޮތްގޮތަށް ބޭނުން ކޮށްގެންނެވެ. މަކަރުވެރި މަގުސަދުތަކުގައި ނުބައިކޮށް ބަސް އިސްތިއުމާލު ކޮށްގެންނެވެ.

ބައެއް މިސާލުތަކަށް ބަލައިލަމާ ހިންގަވާށެވެ.

މީހެއްގެ ސިޔާސީ ފިކުރު ތިމާޔާ ޚިލާފު ވުމަކީ، އެ މީހަކާ މެދު ޒާތީ ހަސަދަޔާއި ތައައްސުބާއި ނަފުރަތު ގެންގުޅޭން ވީ ސަބަބެއް ނޫނެވެ. މިއީ ވެސް ވަރަށް ގިނަ މީހުންގެ ދުލުން ބޭރު ވާ އަޑު އިވޭ އިބާރާތެކެވެ. ނަމަވެސް މިހެން ބުނާ އިރު، މި ބުނެވެނީ ކީކޭކަން، މި އިބާރާތުގެ ހަގީގީ މަފްހޫމަކީ އަދި މާނަޔަކީ ކޮބައިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ! ދެ މީހެއްގެ ދެމެދުގައި އޮންނަ ޚިލާފަކީ ސިޔާސީ ފިކުރުގެ ތަފާތެއް ކަމަށް އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުން ބަލަނީ ހަމަ ރަނގަޅަށް ބާވައެވެ!

ސިޔާސީ ފިކުރޭ ކިޔަނީ ގައުމެއްގެ ވެރިކަމާއި ހުކޫމަތުގެ ބާރުވެރިކަން އުފެދި ދެމިގެން ދިޔުމާއި، އެ ބާރުވެރިކަން ބޭނުން ކުރުމާއި، އެ ބާރުވެރިކަން އެކެއްގެ ނުވަތަ އެއް ބައެއްގެ އަތުން އަނެކެއްގެ ނުވަތަ އެހެން ބައެއްގެ އަތްމައްޗަށް ނަގުލު ވުމާއި، ހުކޫމަތުގެ ސިޔާސަތުތައް ފަދަ ކަންކަން ހިނގާން ވީ ގޮތާ މެދު އިލްމީ އަސާސެއްގެ މަތީގައި، މަންތިގީ ހަމަތަކެއްގެ ތެރޭގައި، ވިސްނޭ ވިސްނުންތަކަކަށެވެ. އިލްމީ ފެންވަރުގައި ވާހަކަ ދައްކާ ނަމަ، ސިޔާސީ ފިކުރުގެ ތަފާތު މަޒުހަބުތައް ވެސް ހުރެއެވެ. އިނގިރޭސި އިސްތިލާހުތަކަކުން ދަންނަވާ ނަމަ، ލިބަރަލިޒަމާއި، ލިބަޓޭރިއަނިޒަމާއި، ކޮންޒަރވޭޓިވިޒަމާއި، އެނާރކިޒަމާއި، ކޮމިޔުނިޒަމަކީ މީގެ ތެރޭގައި ހިމެނޭ ސިޔާސީ ފިކުރީ މަޒުހަބުތަކެވެ. ކަނާތުފިޔަޔާއި، ވައަތުފިޔަ ފަދަ ލަފުޒުތަކަކީ ވެސް ސިޔާސީ ފިކުރުގެ ވާހަކައިގައި ބޭނުން ކުރެވޭ މުހިއްމު ލަފުޒުތަކެވެ. ސިޔާސީ ފިކުރު ތަފާތު ވުމަކީ މި ކަންކަމުގައި އެކަކު އަނެކަކާ ޚިޔާލު ތަފާތު ވުމެވެ. އެކެއްގެ ޚިޔާލު ލިބަރަލިޒަމަށް ތަރުޖީހު ދޭ އިރު، އަނެކެއްގެ ވިސްނުން ކޮންޒަރވޭޓިވްކޮށް ހުރުމެވެ. އެކަކަށް އެނާރކިޒަމް ރަނގަޅު ވާ އިރު، އަނެކަކަށް ކޮމިޔުނިޒަމް ރަނގަޅު ވުމެވެ.

ސިޔާސީ ފިކުރު ތަފާތު ވުމުގެ މިސާލުތަކެއް ދަންނަވާ ނަމަ، ގާނޫނު ހެދުމުގައި ބަލާން ވީ މުޖުތަމައުގައި ދިމާ ވާ ކޮންމެ މައްސަލައެއް ހެން ގާނޫނުން ހައްލު ކުރުމުގެ މަންހަޖުގައި ވީހައި ގިނަ ގާނޫނުތަކެއް ހެދުމަށް ތޯ، ނުވަތަ ވީހައި މަދުން ގާނޫނު ހެދުމަށްތޯ ކުރެވޭ ސުވާލާ ގުޅިގެން، އިލްމީ އަސާސެއްގައި ޚިޔާލު ތަފާތު ވުމަކީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމެކެވެ. އަންހެނުން ބާރުވެރި ކުރުވުމުގައި ގާނޫނުން އެކަނބަލުންނަށް ފުރުސަތުތައް ދިނުން ލާޒިމު ކުރާނީތޯ، ނުވަތަ އެކަނބަލުންނަށް ކުރިޔަށް ދިޔުމަށް ހުރި ހުރަސްތައް ނައްތައިލައިދީގެން، އެކަނބަލުން އަމިއްލަޔަށް ފުރުސަތުތައް ހޯދުމުގެ ދޮރު ހުޅުވައިލައިދޭނީތޯ މި ސުވާލާ ގުޅިގެން، އިލްމީ އަސާސެއްގައި ޚިޔާލު ތަފާތު ވުމަކީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމެކެވެ. މަސައްކަތްތެރީންގެ ހައްގުތައް ހޯދައިދިނުމަށް އޮތް ގޮތަކީ ޓްރޭޑް ޔުނިއަންތައް ހެދުމުގެ ފުރުސަތު ދިނުންތޯ، އެމީހުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާނޭ ދައުލަތުގެ މިނިވަން އިދާރާއެއް އުފައްދައި ބާރުވެރި ކުރުވުންތޯ، ނުވަތަ އެމީހުންނަށް އަދުލުއިންސާފަށް ވާސިލުވުމުގެ ފަސޭހަކަން (އެކްސެސް ޓު ޖަސްޓިސް) ހަރުދަނާ ކޮށްދިނުންތޯ، މި ސުވާލާ ގުޅިގެން، އިލްމީ އަސާސެއްގައި ޚިޔާލު ތަފާތު ވުމަކީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމެކެވެ. ގައުމުގެ ވެރިކަން ކުރާނީ ލާމަރުކަޒީ އުސޫލުންތޯ ނުވަތަ ނޫންތޯ މި ސުވާލާ ގުޅިގެން، އިލްމީ އަސާސެއްގައި ޚިޔާލު ތަފާތު ވުމަކީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމެކެވެ. މިއީ ސިޔާސީ ފިކުރު ތަފާތު ވުމުގެ ބައެއް މިސާލުތަކެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި "ސިޔާސީ ފިކުރު ތަފާތު ވެއްޖެޔޭ" ބުނެވޭ އަޑު އިވެނީ، ދާދި މަދު ފަހަރެއްގައި މެނުވީ، މި ދެންނެވި ފަދަ ގޮތްގޮތުން ސިޔާސީ ފިކުރު ތަފާތު ވެގެން ކަމަކަށް ނުފެނެއެވެ. އެއާ ޚިލާފަށް، އަޅުގަނޑުމެންގެ ތެރޭގައި ގާތްގަނޑަކަށް އަބަދުވެސް ސިޔާސީ ފިކުރުގެ ގޮތުގައި ސިފަ ކުރެވޭ ތަން ފެންނަނީ، ތައައްސުބާއި ކަނު ތަގުލީދާ އެކު ތިމާ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ލީޑަރަކަށް ތާއީދު ކުރާ ކުރުމެވެ. އެކަކު ވަކި ޕާޓީއަކަށް ތާއީދު ކުރަނީ އެ ޕާޓީގެ ވެރިޔަކީ މާ ބޮޑު ފައިސާވެރިޔަކަށް ވެފައި އޭނާގެ ފައިސާވެރިކަމުން މަންފާ ކުރާތީ ނުވަތަ ކޮށްފާނެކަމުގެ އުއްމީދުގައެވެ. އަނެކަކު ވަކި ސިޔާސީ ލީޑަރަކަށް ތާއީދު ކުރަނީ މާ ކުރީއްސުރެ އެހެން ލީޑަރަކާ މެދު ހިތުގައި އޮތް ނަފުރަތަށް ޓަކައި، ތިމާގެ ނަފުރަތު ރައްދު ވާ ލީޑަރާ ދެކޮޅަށް ތެދު ވެ އޭނާޔަށް އެއްޗެތި ގޮވާ މީހަކާ ބައި ވުމުގެ ގޮތުންނެވެ. އަނެކަކު ވަކި ސަރުކާރަކަށް ތާއީދު ކުރަނީ، އެ ސަރުކާރުގެ އިސް މީހުންނާ ތިމާޔާ އޮންނަ ގުޅުމުގެ ތެރެއިން މާ ބޮޑު ވަޒީފާއެއް ލިބޭތީއެވެ. އަނެކަކު ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ލީޑަރަކަށް ތާއީދު ކުރަނީ، އެ ތާއީދުގެ ސަބަބުން ތިމާގެ ވިޔަފާރިއަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމުގެ އުއްމީދުގައެވެ. މިއީ ސިޔާސީ ފިކުރުތޯއެވެ؟ ނުވަތަ އަމިއްލަ އެދުމާއި ތިމާގެ ތައައްސުބަށް ބުރަ ވެ ކުރެވޭ ކަނު އަދި ނުބައި ތަގުލީދެއްތޯއެވެ؟

އެހެން މިސާލެއް ދަންނަވައިލާނަމެވެ. އިސްލާމީ މުޖުތަމައެއްގައި ވެރިކަމަށް ގެންނާނީ ޞަލީބީންނާއި ސަހްޔޫނީ ޔަހޫދީންގެ މަދަދާއި އެހީތެރިކަމާއި ހިމާޔަތް ލިބޭ ވެރިއެއްތޯ، ނުވަތަ އެ ނޫން މީހެއްތޯ މި ސުވާލާ ގުޅިގެން މުސްލިމް ދިވެހީންގެ ދެ މީހަކު ދެ ބަސް ވީއެވެ. އެކަކު ބުނަނީ ޞަލީބީންނާއި ސަހްޔޫނީ ޔަހޫދީންގެ މަދަދާއި އެހީތެރިކަމާއި ހިމާޔަތް ލިބޭ މީހާޔަށް ވެރިކަން ދިނުމަކީ މައްސަލައެއް ކަމުގައެވެ. ދެވަނަ މީހާ ދެކެނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމުގައެވެ. މި ދެ މީހުންގެ ސިޔާސީ ފިކުރު ތަފާތު ވީތޯއެވެ؟

ނޫނެކެވެ! މިއީ ސިޔާސީ ފިކުރު ތަފާތު ވުމުގެ މައްސަލައެއް ނޫނެވެ. މިއީ ޢަޤީދާގެ މައްސަލައެކެވެ. މިއީ އިސްލާމެއްގެ ގޮތުގައި ހުރެ އިސްލާމް ދީނާއި އިސްލާމީ އުއްމަތުގެ މަސްލަހަތާ މެދު ނުވިސްނައި، ހެއިލުންތެރި ނުވެ، މަގު ފުރެދި ޖަހާލަތުގެ ތެރެޔަށް ވެއްޓިގެން ދިޔުމުގެ މައްސަލައެކެވެ. އެއީ ދީނާއި އުއްމަތަށް، އެނގިގެން ވިޔަސް ނޭނގުމުގެ ތެރޭގައި ވިޔަސް، ޣައްދާރު ވެ ޚިޔާނާތްތެރި ވުމުގެ މައްސަލައެކެވެ. މި ހާލަތުގައި ވެސް، ޒާތީ ތައައްސުބާއި ނަފުރަތާއި ރުޅިވެރިކަން އިސް ކޮށްގެން ނުވާނެ ކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކުރަމެވެ. ތިމާގެ މުސްލިމް އަޚަކު ޖަހާލަތުގެ ތެރެއަށް ވެއްޓިއްޖެ ނަމަ، އޮތް ގޮތަކީ އެ މީހަކަށް ތެދުމަގު ދައްކައިދެވޭތޯ އޯގާވެރިކަމާ އެކު މަސައްކަތް ކުރުމެވެ. އޭނާ އެ މަސައްކަތަށް ފުރަގަސް ދީފި ނަމަ، ދެން އޮތީ ﷲ އަށް ވަކީލު ކުރުމެވެ. އެ ހާލަތުގައި ވެސް އޭނާޔާ ތަޅައިފޮޅައިގަނެ، ހުތުރު އެއްޗެތި ގޮވައި، ދުޝްމަންކަން އިސް ކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެހެން ނަމަވެސް، އިސްލާމީ މުޖުތަމައެއްގެ ވެރިކަމަށް ޞަލީބީންނާއި ސަހްޔޫނީ ޔަހޫދީންގެ މަދަދާއި އެހީތެރިކަމާއި ހިމާޔަތް ލިބޭ މީހަކު ނުވަތަ ބަޔަކު ވެރި ކުރާން އުޅުމަކީ ސިޔާސީ ފިކުރު ތަފާތު ވުމުގެ މައްސަލައެއް ނޫން ކަމާއި، އެއީ އެނގިގެން ވިޔަސް ނޭނގި ވިޔަސް ދީނާއި އުއްމަތާއި ގައުމަށް ވެވޭ ބޮޑު ޣައްދާރީއެއް ކަން ތަކުރާރު ކޮށް ފާހަގަ ކުރާން ޖެހެއެވެ.

ދެންވެސް އޮތީ ހަމަ އެހައި މުހިއްމު އިބާރާތެކެވެ. ނުހަނު ގިނަ ފަހަރު، ނުބައި މާނައެއްގައި ބޭނުން ކުރެވޭ، މާނަ އޮޅުވައިލެވޭ އިބާރާތެކެވެ. އެ އިބާރާތަކީ "ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނެގުން" މި އިބާރާތެވެ. އަޅުގަނޑުގެ ހަޔާތުގައި، ދިވެހިރާއްޖޭގައި މިއަށް ވުރެ ގިނައިން ނުބައިކޮށް މާނަ ކުރެވޭ، ނުބައިކޮށް ފަހުމު ކުރެވޭ، ނުބައިކޮށް ބޭނުން ކުރެވޭ އިބާރާތެއް އަޑު އިވިފައެއް ނުވެޔޭ ބައެއް ފަހަރު ހިތަށް އަރައެވެ.

ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ކޮބައި ބާވައެވެ!

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މި އިބާރާތް އެންމެ ގިނައިން ބޭނުން ކުރެވެނީ ދީނާ މެދު އިހުމާލު ވެ، ދީނުގެ ދުޝްމަނުންނާ މިލި، އެއުރެންގެ އެހީއާއި މަދަދު ހޯދައި، ދީނާ ދުރުހެލި ގޮތްގޮތަށް ކަންކަން ކުރާ ސިޔާސީ މީހުންނާ ދިމާޔަށް، އެމީހުން އެ ކުރާ ކަމަކީ ދީނަށް ނިކަމެތިކޮށް ހިތުން ކަމުގައި ބުނުމުން، އެމީހުން ރައްދުގައި ބުނާ ބުނުމެއްގެ ގޮތުގައެވެ. ހަގީގަތަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ސިޔާސީންނަށް ރާއްޖެއިން ބޭރުން ނަޞާރާ ސަލީބީންނާއި، ޔަހޫދީ ޒައިނިސްޓުންނާއި، އަލްމާނީ ނުވަތަ ސެކިޔުލަރ ލިބަރަލްސް ފަދަ މީހުންގެ މަދަދު އެބަ ލިބެއެވެ. ހަމަ ބުއްދި ބުނާ ގޮތުން އަދި ތާރީޚާއި ތަޖުރިބާ ދައްކާ ގޮތުން، މި ދެންނެވި މީސްމީހުން އިސްލާމީ ގައުމެއްގެ ސިޔާސީ ލީޑަރުންނަށް އެހީތެރި ވެ ހިމާޔަތް ދޭ ހަމައެކަނި ހާލަތަކީ، އެ ލީޑަރުން އިސްލާމް ދީނަށް ޣައްދާރު ވުމެވެ. ނުވަތަ ޣައްދާރު ވާނެ ކަމުގެ ވައުދު ވުމެވެ. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ސިޔާސީންގެ ވިސްނުމާއި ސިޔާސަތުތައް ހުރީ އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ ވީހައި ދުރަށް ދިވެހިރާއްޖެ ގެންދިޔުމުގެ މައްޗަށެވެ. ސީދާ އެހެން ބުނެ ރާއްޖެއިން ބޭރުގެ މީޑިއާ އެޖެންސީތަކަށް ބަސްދީގަތުން ދީފައި ތިބި ސިޔާސީން ވެސް ދިވެހިރާއްޖޭގައި އެބަތިއްބެވެ. މިފަދަ މީހުން ދީނަށް ވާ ޚިޔާނާތުގެ ވާހަކަ ދައްކައިފި ނަމަ، އެމީހުން ވެސް އަދި އެމީހުންގެ ސަޕޯޓަރުން ވެސް ދޭ އެންމެ އާއްމު ޖަވާބަކީ "ތިޔައީ ދީން ސިޔާސީ ހަތިޔާރަކަށް ނަގަނީއޭ" ނުވަތަ "ދީނީ ކާޑު ކުޅެނީއޭ" މިއެވެ.

މިއީ ބުނާނެ އެހެން އެއްވެސް އެއްޗެއް ނެތުނީމާ، ގޮތް ދޫނުކުރުން ކުރިޔަށް ނެރޭން ވެގެން ދޭ ޖަވާބެއް ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ ރަނގަޅު ޖަވާބެއް ނޫނެވެ. ރަނގަޅު ވާހަކައެއް ނޫނެވެ.

އެންމެ ފުރަތަމަ ކަމަކަށް ކޮންމެ މުއުމިން މުސްލިމަކު ދަންނަން ޖެހޭ ހަގީގަތަކީ، މުސްލިމުންގެ އިންފިރާދީ އަދި އިޖުތިމާއީ ދިރިއުޅުމުގެ އެއްވެސް، އެއްވެސް ކަމެއް ދީނުގެ ދާއިރާއިން ބޭރު ނުވާނެ ކަމެވެ. އިސްލާމް ދީނަކީ އިންސާނީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އޭނާޔަށް ހިދާޔަތު ދެއްވުމަށް ޓަކައި އޭނާގެ ވެރި ރަސްކަލާނގެ ފޮނުއްވެވި ދީނެކެވެ. ދީނުގެ އެންމެ ޚާއްސަ އެއް ސިފަޔަކީ ޝުމޫލިއްޔަތެވެ. ވީމާ ތިމާގެ އަމިއްލަ ޝަޚްސީ ކަންކަމުގައި ވެސް، ގޭތެރޭގެ އާއިލީ ދިރިއުޅުމުގައި ވެސް، އަވަށްޓެރީންނާއި ރަހުމަތްތެރީންނާ އޮންނަ ގުޅުމުގެ ކަންކަމުގައި ވެސް، މުޖުތަމައުގެ ސިޔާސީ ޒައާމަތާއި ގިޔާދަތު ބިނާ ކުރުމުގައި ވެސް، ސިޔާސީ އެންމެހައި ކަންކަން އިންތިޒާމު ކޮށް ހިންގައި ހެދުމުގައި ވެސް، އަދި އިގުތިސާދީ ދިރިއުޅުމާއި އިލްމީ ހަޔާތް ފަދަ އެންމެހައި ކަންކަމުގައި ވެސް، އިސްލާމް ދީނުގައި އަޅުގަނޑުމެން އަމަލު ކުރާން ވީ އަދި ތަބާ ވާން ވީ ހަމަތަކާއި އުސޫލުތަކާއި އަސާސްތައް ވަނީ ކަނޑައެޅިފައެވެ. ބައެއް ފަހަރު ނިކަން ތަފްސީލުކޮށެވެ. ބައެއް ފަހަރު އަސާސީ އުސޫލުތަކާ ހަމަޔަށެވެ. ވީމާ، ސިޔާސީ ކަންކަމުގައި ދީނުގެ ދައުރެއް ނޯންނާނެޔޭ ބުނުމަކީ އިސްލާމް ދީނާ ޚިލާފަށް ބުނެވޭ ބަހެކެވެ. އެ ބަސް ބުނާ މީހާގެ ނިޔަތާއި ގަސްތު އޮތް ގޮތަކުން ބައެއް ފަހަރު ކުފުރު ވެސް ވެދާ ފަދަ ބަހެކެވެ.

އެހެންކަމުން، ސިޔާސީ ލީޑަރަކު ނުވަތަ ސިޔާސީ ޕާޓީއަކުން އިސްލާމް ދީނާއި އިސްލާމީ ޝަރީއަތަށް އިހާނެތިކޮށް ބަސް ބުނާ ނަމަ ނުވަތަ އަމަލު ކުރާ ނަމަ، އެ ވާހަކަ ދައްކާން ޖެހޭނެއެވެ. އަދި އެ ސަބަބަށް ޓަކައި އެ ބަޔަކަށް "މާކުސް ކަނޑާން" ވެސް ޖެހޭނެއެވެ. ސިޔާސީ ލީޑަރަކު ނުވަތަ ސިޔާސީ ޕާޓީއަކުން އިސްލާމީ އުއްމަތުގެ ދުޝްމަނުން ކަމަށް ވާ، އަދި ޢިރާޤާއި އަފްޣާނިސްތާނާއި ފަލަސްޠީނު ފަދަ އެތައް މުސްލިމް ޤައުމެއް ވީރާނާ ކޮށް އެ ތަންތަނުގެ އެތައް ލައްކަ މުސްލިމުންނެއް މަރައި ސުންނާފަތި ކުރާ ނަސާރާ ސަލީބީންނާއި ޔަހޫދީ ޒައިނިސްޓުންނާ ގާތް ވެގަނެގެން، އެއުރެންގެ ތައްޕާހުން އުޅޭ ނަމަ، އެ ވާހަކަ ވެސް ހަރު އަޑުން ދައްކައި، އެ ބަޔަކާ ދުރުހެލި ވުމަކީ މުސްލިމުންނަށް ސިޔާސީ މައިދާނުގައި ވެސް އޮންނާނޭ ދީނީ ވާޖިބެކެވެ. އެފަދަ ވާހަކަ ދެއްކުން އެއީ "ދީން ސިޔާސީ ހަތިޔާރަކަށް ނެގުން" ކަމަށް ސިފަ ކުރާނީ، އެހެންޏާ ދީން ސިޔާސީ ހަތިޔާރަކަށް ނެގުން އެއީ ކިހިނެއް ވާ ކަމެއްކަން ނުދަންނަ މީހުންނެވެ. ނުވަތަ ބުނާނެ އެހެން އެއްޗެއް ނެތިގެން ކޮންމެވެސް އެއްޗެކޭ ކިޔާން ވެގެން އެހެން ކިޔާ މީހުންނެވެ.

ދެން އޮތް ސުވާލަކީ، ހަގީގަތުގައި ދީން ސިޔާސީ ހަތިޔާރަކަށް ނެގުމަކީ ކިހިނެއް ކުރާ ކަމެއްތޯ، މިއެވެ.

ހަގީގަތުގައި ދީން ސިޔާސީ ހަތިޔާރަކަށް ނެގުމަކީ، ދީނަށް ހަގީގީ ލޯތްބެއް އިހުތިރާމެއް ނެތި، ނުވަތަ ދީނާއި ދީނުގެ މަގު ހަގީގަތުގައި ހިތުގެ އަޑީން ގަބޫލު ކުރުމެއް ނެތި، އަދި ދީނަށް ތަބާ ވެ ދީނުގެ އަމުރުތަކާ އެއްގޮތަށް ސިޔާސީ ކަންކަން ފުރިހަމަޔަށް ގެންދިޔުމުގެ ނިޔަތެއް ނެތް ހާލު، ރައްޔިތުންގެ ވޯޓު ނުވަތަ ތާއީދު ނުވަތަ މަގުބޫލުކަން ހޯދުމަށް ޓަކައި، ނުވަތަ އެ ބާވަތުން ސިޔާސީ އެހެން ވެސް މަކަރުވެރި މަގުސަދެއް ހާސިލު ކުރުމަށް ޓަކައި، ދީނަށް ލޯބި ކުރާ ކަމަށް އަދި ދީނަށް ނަސުރު ދޭނެ ކަމަށް ދުލުކުރީން ބުނުމާއި ވާހަކަ ދެއްކުމެވެ. ދީނަށް ތެދުވެރި ކަމަށް ހެދިގަނެގެން، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެވެ. ދީނުގެ ދުޝްމަނުންނާ ގުޅުން ބަދަހި ކޮށްގެން ތިބެ މެ، ދީނަށް ތެދުވެރި ވާނަމޭ ބުނެ ރައްޔިތުންނަށް ދޮގު ވައުދު ވުމެވެ. ވަކި ދީނަކަށް މަދަދު ދިނުމުން، ނުވަތަ ވަކި ދީނަކާ ދެކޮޅުވެރި ވުމުން، ތިމާޔަށް ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށް ނުވަތަ ބާރުގަދަ ބައެއްގެ ތާއީދާއި އެހީތެރިކަން ލިބިދާނެ ކަމަށް ބަލައި އެ ގޮތަށް އަމަލު ކުރުމެވެ.

މި ވާހަކަތައް ވިދާޅުވެފައި، މިއީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަ ވެގެން ލިޔެފައި އޮތް ލިޔުމެކޭ ވިދާޅުވާ ބޭފުޅުން ތިއްބަވާނެހެން ހީ ވެއެވެ. ނަމަވެސް މި ލިޔުމަކީ އަޅުގަނޑުގެ ސިޔާސީ ފިކުރު ހާމަ ކުރާކަށް، ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ ކޮޅު ނަގައިގެން، ވަކި ލީޑަރަކަށް އަޅުގަނޑު ކުރާ ތާއީދު ހާމަ ކުރާކަށް ލިޔުނު ލިޔުމެއް ނޫނެވެ. މި ލިޔުމަކީ "ސިޔާސީ ފިކުރު ތަފާތު ވުން" އާއި "ދީން ސިޔާސީ ހަތިޔާރަކަށް ނެގުން" ފަދަ އިބާރާތްތައް އެއްވެސް ކަހަލަ ތެދުވެރި ހިތެއް، އިޚްލާސްތެރިކަމެއް، ހެޔޮ ނިޔަތެއް، ރަނގަޅު މަންތިގީ އަދި އަގުލީ އަސާސެއް ނެތި ބޭނުން ކުރުން ފަދަ އަޚްލާގީ އަދި އިލްމީ ޖަރީމާތަކާއި ކުށްތަކުގެ ސަބަބުން އަޅުގަނޑުގެ ގައުމާއި މުޖުތަމައު ހަލާކުން ހަލާކަށް ވެއްޓެމުން ދާ ހިތާމަވެރި މަންޒަރުން ލިބޭ ހިތްދަތިކަމާ ހެދި ލިޔުނު ލިޔުމެކެވެ. ހައްގު ބަސް ބުނުމަށް ޓަކައި ލިޔުނު ލިޔުމެކެވެ. ފާޑު ހަމަ ކިޔާން ވީއެވެ. އެކަމަކު، ފާޑު ކިޔުމުގައި ވެސް ތެދުވެރި ވަމާތޯއެވެ؟ އިންސާފުވެރި ވަމާތޯއެވެ؟ ބުއްދި އާއި ޒަމީރުގެ މައްޗަށް ބުރަ ވެ ފާޑު ކިޔަމާތޯއެވެ؟ ރިވެތި އަޚްލާގުގެ ހުދޫދުން ބޭރު ނުވެ، ކިޔާ އެއްޗެއް ކިޔައި ކުރާ ކަމެއް ކުރަމާތޯއެވެ؟ ފާޑު ކިޔުމުގައި ބޭނުން ކުރާ ލަފުޒުތަކާއި އިބާރާތްތައް ހެޔޮ ގޮތުގައި ބޭނުން ކުރަމާތޯއެވެ؟ ދުލުން ބުނި ކޮންމެ ބަހަކާ މެދު، އެ ބަސް ބުނީ ކޮން މަގުސަދެއްގައި، ކޮން ނިޔަތެއްގައި، ކީއްވެގެން ތޯ ސުވާލު ވެވޭ ދުވަސް އަންނާނޭ ކަން ހަނދާން ނެއްތައިނުލަމާތޯއެވެ؟ އެ ދުވަހުން ދޮގެއް މަކަރެއް ނުހެދޭނެ ކަން ހަނދާން ނެއްތައިނުލަމާތޯއެވެ؟

comment ކޮމެންޓް