ބ. އަތޮޅުގެ ރާޅާ އެޅުންތެރިންނަށް އަމާޒުކޮށްގެން ރާޅާއެޅުމުގެ މުބާރާތެއް ބާއްވައިފި

"ސޮނެވާ ސާފް ޕްރޯ 2018"ގެ ތެރެއިން--- ފޮޓޯ: ސޮނެވާ ފުށި ރިސޯޓު

ބ. އަތޮޅުގެ ރާޅާ އެޅުންތެރިންނަށް އަމާޒުކޮށްގެން "ސޮނެވާ ސާފް ޕްރޯ 2018"ގެ ނަމުގައި ސޮނެވާ ފުށި ރިސޯޓުން ރާޅާއެޅުމުގެ މުބާރާތެއް ބާއްވައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި ކ. ތުލުސްދޫގައި ރާޅާއެޅުމުގެ ކޭމްޕް ހިންގާ ޓްރޯއި ހަގެޓް އިންސާފު ކުރި އެ މުބާރާތް ބޭއްވީ މި މަހުގެ އްއްވަނަ ދުވަހު ބ. ގޮއިދޫގައެވެ.

ބ. އަތޮޅުގެ އެކި ރަށްރަށުން 40 އަށްވުރެ ގިނަ ރާޅާއެޅުންތެރިންނާއި ބޮޑީބޯޑަރުން ބައިވެރިވި އެ މުބާރާތް ކުރިއަށް ގެންދިޔައީ 18 އަހަރުން މަތި، 18 އަހަރުން ދަށް އަދި ބޮޑީ ބޯޑިންގ ކެޓަގަރީ ވަކިންނެވެ.

"ސޮނެވާ ސާފް ޕްރޯ 2018"ގެ ތެރެއިން--- ފޮޓޯ: ސޮނެވާ ފުށި ރިސޯޓު

މުބާރާތުގެ 18 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދާފައިވަނީ ބ. ގޮއިދޫ އަހުމަދު ޒައިންއެވެ. 18 އަހަރުން މަތީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބ. އޭދަފުށީ މުހައްމަދު ސަމާހުއެވެ. އަދި ބޮޑީބޯޑިން ބައިން 1 ވަނަ ހޯދާފައިވަނީ ބ.އޭދަފުށީ އިބްރާހިމް ޒައިންއެވެ.

މުބާރާތުގެ ބައިވެރިންގެ ތެރެއިން އެންމެ އުއްމީދީ ޒުވާން ރާޅާއެޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ބ.ފެހެންދޫ އުމުރުން 14 އަހަރުގެ ހައިޝަމް ލަތީފްއެވެ.

"ސޮނެވާ ސާފް ޕްރޯ 2018"ގެ ތެރެއިން--- ފޮޓޯ: ސޮނެވާ ފުށި ރިސޯޓު

ސޮނެވާ ފުށިން ބުނީ އެފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ، ބ. އަތޮޅުގެ އެކި ރަށްރަށުގެ ރާޅާއެޅުންތެރިން އެކަކު އަނެކަކާއި ބައްދަލުވެ ވާދަވެރި މާހައުލެއްގައި ރާޅާއަޅާލުމުގެ ފުރުސަތު ހޯދައިދީ ޒުވާން ރާޅާއެޅުންތެރިން އެކުޅިވަރުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށެވެ. މީގެ އިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮންނަ ގައުމަކަށްވާއިރު، މޫދު ކުޅިވަރުތަކަށް ދިވެހި ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މިމުބާރާތް ބޭއްވުމުގެ އެއް ކަމަށް ސޮނެވާ ފުށިން ބުންޏެވެ.

ސޮނެވާ ފުށިން މިފަދަ ރާޅާ އެޅުމުގެ މުބާރާތެއް ބާއްވައިފައިވާއިރު ދާދި ފަހުން ހެވީލޯޑް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުނި، މޯ ހޮޓެލްސް އެންޑް ރިސޯޓްސްއިން އިންތިޒާމުކޮށްގެން ލ. އަތޮޅުގައި ވެސް ބޮޑު ރާޅާއެޅުމުގެ މުބާރާތެއް ބާއްވާފައިވެއެވެ.

comment ކޮމެންޓް