ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް---

އަންހެން ކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލް ވުމާއެކު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނިގެން ދަނީ ދިވެހި ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާލާފައި އެހެން އަންހެން ކުއްޖަކަށް އަނިޔާކޮށް، ހުތުރު ބަހުން ވާހަކަ ދައްކައި، އިންޒާރުދޭ މަންޒަރެވެ. އެ މީހުންގެ މެދުގައި މައްސަލަ ޖެހުނު ސަބަބު ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވަނީ އެ މައްސަލަ ތަހުގީގު ކުރާކަން "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ވީޑިއޯއިން ފެނިގެން ދަނީ ކުޑަކުދިންތަކެއް ކަން ނުވަތަ ނޫންކަން ވެސް ފުލުހުން ކަށަވަރުކޮށް ނުދެއްވަ އެވެ. ނަަމަވެސް، އެ ވީޑިއޯގައި ފެނިގެން ދަނީ ހުޅުމާލޭގައި ހިނގައި ދިޔަ ހާދިސާއެއް ކަމަށް މީސް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

އެ ވީޑިއޯ ދައުރުވާން ފެށުމާ އެކު ގިނަ ބަޔަކު ދަނީ އެ މައްސަލަ ތަހުގީގު ކުރުމަށް، ފުލުހުންނަށާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ގޮވާލަމުންނެވެ.

comment ކޮމެންޓް