ރާޅާ އެޅުންތެރިންނަށް އެމްޓީސީސީ ފެރީގެ ހިދުމަތް ފުޅާކޮށް އެއްބަސްވުމުގައި ސޮއިކޮށްފި

ރަޅާ އެޅުންތެރިންނަށް ފެރީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލެއާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ މާލޭގެ ރާޅުގަނޑު ބޭނުން ނުކުރެވުމުގެ ސަބަބުން ރާޅާ އެޅުންތެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި އެމްޓީސީސީން އަނެއްކާވެސް ފެރީ ހަމަޖެއްސުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރުވެސް ޓޫރިޒަމް މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ރާޅާ އެޅުންތެރިންނަށް ކ. ތަނބުރުދޫއަށް ފެރީ ހަމަޖައްސާ ދީފައިވެއެވެ. ރާޅާ އެޅުމަށް ހާއްސަ ރަށެއްގެ ގޮތުގައި ތަނބުރުދޫ ފާހަގަކުރެވިފައި އޮންނަ އިރު، މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު އެމްޓީސީސީގެ ފެރީ ތަނބުރުދޫގެ އިތުރުން ކ. ތުލުސްދޫއަށްވެސް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާޅާ އެޅުންތެރިނަށް ހާއްސަ ފެރީގެ ހިދުމަތް ފެށުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރެވެ. އެމްޓީސީސީގެ ފަރާތުން ސީއީއޯ އިބްރާހީމް ޒިޔަތު ސޮއިކުރެއްވެވި އިރު، ސާފިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ހަސަން ޒަކީއެވެ. ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އަބްދުﷲ އަރީފް (ފުކޫ)އެވެ.

މިއަދުގެ އެއްބަސްވުމާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރު ލިރާރު ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން ރާޅާއަޅާ ކުދިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން ވާހަކަ ދައްކަވަމުން ސީއީއޯ ޒިޔަތު ވިދާޅުވީ ރާޅާއެޅުމަކީ ސީޒަނަލް ކަމަކަށްވުމާއެކު، ކުރިން ފެށި ދަތުރުތައް ހުއްޓާލުމަށްފަހު އަނެއްކާވެސް ދަތުރުތައް ފަށަން ނިންމީ މިއީ ރާޅު ސީޒަނަށް ވުމުން ކަމަށެވެ. ކުރިއާ ހިލާފަށް މިފަހަރު ފެރީ ހަމަޖެހިފައި ވަނީ ތަނބުރުދޫގެ އިތުރުން އެހެން މަންޒިލްތަކަށްވެސް ދެވޭނެ ގޮތަކަށް ކަމަށާއި، މުޅި އޮޕަރޭޝަން އެއްކޮށް ރާޅާ އެޅުންތެރިންގެ އަތް މައްޗަށް ދީފައިވާނެ ކަމަށެވެ.

މިފަހަރު އެގްރީމަންޓް ހެދީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި، ކޮންމެ ދުވަހަކުވެސް ފެރީ އޮންނާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

އެސޯސިއޭޝަންގެ ފަރާތުން ބުނެފައި ވަނީ ދަތުރުތައް ފެށުމަށް ވެވުނު އެއްބަސްވުމަކީ އަނެއްކާވެސް ހުރިހާ ބޮޑީ ބޯޑަރުންނާއި ސާފަރުންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އެއްބަސްވުމަކާއެކު ކަންކަން ހަމަޖައްސައި ދެއްވިކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއައި އެމްޓީސީސީގެ އިތުރުން މިއަދުގެ ސަރުކާރުގެ މަސައްކަތަށް އެސޯސިއޭޝަންތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބުރިޖު އެޅުމަށްޓަކައި "ރާޅު ގަނޑު" ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ރާއްޖޭގެ ބޮޑީ ބޯޑަރުން އަދި ސާފަރުންނަށް ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވެފައެވެ. ބައިނަލްއަގުވާމީ ބޮޑީ ބޯޑިން އަދި ރާޅާއެޅުމުގެ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

comment ކޮމެންޓް