ބާއިސް ޗެމްޕިއަނަކަށް ހަދައިދިނީ އިންމަ!

ނިއުއިން މާލޭ ލީގުގެ ޝީލްޑް އުފުލާލުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސޭބިލިޓީސް (އެމްއޭޕީޑީ)ގެ މެމްބަރު އަބްދުލް ބާއިސް އަލީ އަކީ ފުޓުބޯޅައަށް އިންތިހާ ލޯބިކުރާ ކުއްޖެކެވެ. ހާއްސަކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޮޑު "ފޭން"އެކެވެ. ހާއްސަކޮށް ޓީމުގެ ގޯލް ކީޕަރު، އިމްރާން މުހައްމަދު (އިންމަ)ގެ ހާއްސަ އެކުވެރިއެކެވެ. ބޮޑު "ފޭން"އެކެވެ.

ސެރެބެރަލް ޕަލްސީއަށް ފަރުވާކުރަމުންދާ ބާއިސް އަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެކެވެ. ފައިގެ މަސްތަކުގައި އެކަށީގެންވާ ވަރަށް ވަރު ނުޖެހުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ބާއިސްއަށް އުނދަގޫތަކެއް ދިމާވެއެވެ. ގޮނޑީގެ އެހީގައި އެތަކެއް ދުވަހެއް ވަންދެން އެއްތަނުން އަނެއްތަނަށް ދިޔަ ބާއިސް، މިއަދު ފަރުވާތަކާއެކު ހިނގާބިނގާވެ އުޅެވެއެވެ.

ނިއުއިން މާލޭ ލީގުގެ ޝީލްޑް އުފުލާލުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާއްމު ދިރިއުޅުމުގައި ކުރާ ކަންތައްތަކަށް ބާއިސްއަށް ބައެއް އުނދަގޫތައް ކުރިމަތިވި ނަމަވެސް، އޭނާއަކީވެސް އަހަރެމެން އެންމެން ފަދައިން ހުވަފެންތަކެއް ދެކޭ ކުއްޖެކެވެ. ހާއްސަކޮށް އޭނާ ލޯބިކުރާ ފުޓުބޯޅައިގެ އެތައް ހުވަފެންތަކެއްވެސް ބާއިސްގެ ވެއެވެ. ޗެމްޕިއަނަކަށް ވުމަށެވެ. ދަނޑު މައްޗަށް އަރާ މެޑަލްއެއް އަޅުވާލުމަށެވެ. ޓީމެއްގައި ބައިވެރިވެލާ، ތައްޓެއް އުފުލާލުމަށެވެ.

މި ހުރިހާ ހުވަފެންތަކެއް ދެކެމުން އައި ބާއިސްއަށް އެ ހުވަފެންތައް ހަގީގަތަކަށް ވެގެންދިޔައީ ރޭ ނިއުއިން މާލޭ ލީގު އުފުލާލި މެޗަށްފަހުގައެވެ. ބާއިސްއަށް ޗެމްޕިއަނެއްގެ އިހުސާސްކޮށްދީ، އޭނާއަށް އެ އުފާވެރިކަން ގެނެސްދިނުމަށް އިސްނެގީ އަބަދުވެސް ބާއިސްއާ އެންމެ ގާތް އިންމައެވެ.

ބާއިސް އިންމައާއެކު ޝީލްޑް އުފުލާލަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗަށް ނުކުތް އިރުވެސް ނިއުއަށް މާލޭ ލީގުގެ ޗެމްޕިއަން އޮތީ ޔަގީންވެފައެވެ. މެޗަށް ނުކުތީ ޝީލްޑް އުފުލާލުމަށް ތައްޔާރުވެގެންނެވެ. ޓީމާއެކު މެޑަލް އެޅުމަށް ބާއިސްވެސް ތައްޔާރުވިއެވެ. އިންމަގެ ހާއްސަ ދައުވަތަކަށެވެ.

ކުޅުންތެރިން މެޑަލް އަޅަމުންދިޔަ އިރު، ބާއިސްވެސް ޓީމާއެކު އަރާ މެޑަލް އަޅާލިއެވެ. ރާއްޖޭގެ އެތައް ބަޔަކު އެ ކުޅުންތެރިއަކަށް ފަހުރުވެރިވާ، 17 އަހަރު ވަންދެން ގައުމީ ގޯލް ބެލެހެއްޓި، ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ އިންމައާއެކު ބާއިސް ގޮސް މެޑަލް އަޅާލި ވަގުތު، އޭނާގެ މޫނުމަތިން އުފާވެރިކަމުގެ ހުރިހާ ކުލަވަރެއް ފެނިގެންދިޔައެވެ.

"އެކުދިންނަކީވެސް ކާމިޔާބީތައް ބޭނުންވާނެ ކުދިން. ކާމިޔާބީތަކުގައި ބައިވެރިކުރަން ޖެހޭ ކުދިން. ބާއިސްއަކީ އަބަދުވެސް ވަރަށް ގާތްކޮށް އުޅޭ ކުއްޖެއް. ހާއްސަކޮށް ނިއުގެ ސަޕޯޓަރަކަށްވެސް ވެފައި، ފުޓުބޯޅައަށްވެސް އެހާ ލޯބިކުރާ ކުއްޖަކަށްވީމަ ރޭގެ މެޗަށްފަހު ބާއިސްއަށް ލީގުގެ ޗެމްޕިއަންކަމުގެ މެޑަލް އަޅާލުމަށް ފުރުސަތު ދިނީ،" ސަން ސްޕޯޓްސްއަށް ވާހަކަ ދައްކަމުން އިންމަ ބުންޏެވެ.

ބާއިސް ނިއުގެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއެކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންމަ ދޭން ބޭނުންވީ މެސެޖެކެވެ. އިންމަގެ މެސެޖަކީ ކުރު ނަމަވެސް، އާއްމުކޮށް ވެވޭ އިހުމާލަކަށް ދިން މެސެޖެކެވެ. ހޭލުންތެރިވާން ވެއްޖެ ކަމަކަށް ދިން މެސެޖެކެވެ.

"ދޭން ބޭނުންވި މެސެޖަކީ އެއްވެސް މީހަކު، ބަޔަކު، ބާކީ ނުކުރުމަށް ދޭން ބޭނުންވި މެސެޖް. އެމީހުންނަށް އަހަރެމެން އުޅޭ ގޮތަށް ނޫޅެވުނަސް... މިކަހަލަ ގޮތަކުން އެ އިހުސާސް ކުރެވޭނެ. މިރޭ މެޑަލް އަޅުވަން ގެންދާ ވާހަކަ ކުރިން ބުނިން ބާއިސް ކައިރީ. އެހިސާބުން ފެށިގެން ކޮންމެ ރެއަކު އެވާހަކަ ދައްކާނެ. ބުނާނެ ކޮން ރެއަކު ހޭ ދަނީ... މިރޭ މެޑަލް އެޅުނީމަ ވަރަށް އުފަލުން ހުރީ. އަހާލީމަ ބުނީ ޓީމުގެ މީހެކޭ މިއީ... އެ އިހުސާސް އޭނާއަށް ކުރެވުނީ. މެޑަލް ހޯދުމުގެ އިހުސާސް... ޗެމްޕިއަނެއްގެ އިހުސާސް،" އިންމަ ބުންޏެވެ.

ދާދި ފަހުން ދިރާގުން ކުރިއަށް ގެންދިޔަ ތަށި ބަރި މޫމަންޓުގައިވެސް އިންމަގެ ތަށި ބަރި ހަދިޔާކުރީ ބާއިސްއަށެވެ. ބާއިސްގެ ތަކުލީފާއި، ބާއިސްގެ އާއިލާގެ ތަކުލީފްވެސް އިންމަ ވަރަށް ގާތުން ދެކުނެވެ. ބާއިސްއަށް އާއްމު ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އޭނާއަށް އުފާވެރިކަން ގެނެސްދިނުމަކީ އިންމައަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

"މިކަމަށް ހުރިހާ އެންމެންގެވެސް ބައިވެރިވުން ބޭނުންވާނެ. އެ ކަހަލަ އެތައް ކުދިންނެއް އުޅޭ އިރު، އެ ހުރިހާ ކުދިންނަށްވެސް އުފާވެރިކަން ގެނެސްދެވޭނީ އެންމެން ގުޅިގެން. އެއްވެސް ކުއްޖަކު، އެއްވެސް މީހަކު ބާކީ ނުކޮށް، މުޖުތަމައުގައި ގެންގުޅުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްކެއް ކުރުމަށް މިހުރީ ތައްޔާރަށް. އަދިވެސް ކުރިއަށް އޮތް ތަނުގައި މީގެ ކަންކަން ފެނިގެންދާނެ. ހޭލުންތެރިއަކަން އިތުރުކޮށް... މިކަމުގައި ޕަބްލިކަށް ދޭން ޖެހޭ މެސެޖު ދިނުމަށް،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު، އިންމަ ބުންޏެވެ.

ބާއިސް އޭނާގެ މެޑަލްއާ ހަވާލުވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުގެ ޓީމާވެސް ވާހަކަ ދައްކައި، ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ބާއިސް މެޑަލް އަޅާލުމަށް އެރުވި އިރު، އޭނާ ފޮޓޯތަކައް ހުއްޓި ހުރީ އުފަލުން ފޮޅިފައެވެ. ބާއިސްގެ ހިނިތުންވުމުންވެސް އޭނާގެ އިހުސާސްތައް ސާފެވެ. އޭނާއަށް ކުރެވުނީ ޗެމްޕިއަނެއްގެ އިހުސާސެވެ. ހުރިހާ ޝުކުރެއް އިންމައަށެވެ. ނަމޫނާ ކުޅުންތެރިއަކު ދެއްކި ނަމޫނާ މަންޒަރަށް ސެލިއުޓް ހައްގެވެ.

comment ކޮމެންޓް