އިސްލާމްދީންގެ ހުދޫދުގެ ތެރެއިން ހުއްދަ ފަންޑިތަ ހަދަން ދަސްކޮށްދިނުމަށް އިސްލާމިކް ފައިންޑޭޝަނުން ބާއްވާ ކޯހަށް 50 ހަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.
"ރުގްޔާ" ގެ ނަމުގައި ސެޕްޓެމްބަރު 15 ގައި ފަށާ އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ފައުންޑޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް 54 ފަރާތަކުން އެ ކޯހުގައި ބައިވެރިވާން އެދި ފޯމު ލާފައިވާ ކަމަށެވެ. ނަމަވެސް ކޯހުން ފުރުސަތު ދޭނީ 24 ފަރާތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ބަލަން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދެވޭތޯ. ކުރިން މި އޮފީހުގައި ކޮންފަރެންސް ރޫމްގައި ކޯސްހިންގަން ނިންމާފައި އޮތް ނަމަވެސް އެބަ ވިސްނަން ތަންކޮޅެއް ޖާގަ ބޮޑު ތަނަވަސް ތަނަކަށް ބަދަލުކޮށްލަން،" އޮފިޝަލް ވިދާޅުވި އެވެ.
ކޮންމެ ބައިވެރިއެއްގެ އަތުން 350ރ. ނަގައިގެން އެއް މަސް ދުވަހުގެ ނިޔަލަށް ހިންގާ އެ ކޯހަށް މީހުން ހޮވާނީ އިންޓަވިއު ކޮށްގެން ކަމަށްވެސް އިސްލާމިކް ފައުންޑޭޝަނުން ބުންޏެވެ. އިންޓަވިއުގައި އިސްކަންދެނީ އަރަބި ބަސް ދަންނަ ފަރާތްތަކާއި ރަނގަޅަށް ގުރުއާން ކިޔަވަން އިނގޭ މީހުންނަށެވެ.
"ކުއްލި ގޮތަކަށް މިހާ ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލީމާ އިންޓަވިއުކުރަން ނިންމީ. އެގޮތުން އަޅުގަނޑުމެން އަދި އިސްކަންދޭނަން ހުއްދަ ފަންޑިތަ ނުދަންނަ މީހުން ތިބި ހިސާބުތަކާއި އަދި އެކަންތައް ކުރުމަށް ޝައުގު ވެރިކަން ހުންނަ އަދި ކުރިން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.
ހުއްދަ ފަންޑިތަ ނުވަތަ ރުގުޔާ އަކީ ގުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ގޮތުގައި، ފަރުވާދިނުމަށް ހެދޭ ފަންޑިތަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހުއްދަ ފަންޑިތަ ކޯހުގައި ޕްރެކްޓިކަލް ބައެއްވެސް ހިމެނެ އެވެ. އެ ފައުންޑޭޝަނުން ބުނީ ޕުރެކްޓިކަލް ބައިގައި ހިމެނޭނީ ފަންޑިތަވެރިކަން ޖެހިފައިވާ މީހުންނަށް އަމަލީ ގޮތުން ފަރުވާކޮށް ކޯހުގެ ބައިވެރިން އެކަމަށް ފަރިތަކުރުން ކަމަށެވެ.
ކޯހުގައި ކިޔަވައިދެއްވާނީ ޝެއިހް ފަރީދުގެ އިތުރުން މުހަންމަދު މަޒީދު އާއި އަހުމަދު ސޮބާހާއި އަހުމަދު ފައިސަލެވެ.