ގައްބެގެ ދަތުރަށް ދެ އަހަރު، ހަނދާންތައް އާކޮށްލުމަށް ވެސް ދަތުރެއް!

ކަޓަމަރާނެއްގައި މިދިޔަ ބުރާސްފަތި ދުވަހު ގައްބެ ފެށި ދަތުރު ނިންމާލީ އިއްޔެ ---

އަބްދުލްޣަފޫރު އަލީ (ގައްބެ)އަށް މިދިޔަ ބުރާސްފަތި ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރުޖެހުމަށް އަތްކުރި އޮޅާލައި، 38 ދުވަހަށް ފަހު ހިތްވަރާ އެކު އެ އުނދަގޫ ޗެލެންޖް ގައްބެ ފުރިހަމަކުރި ދުވަހަކީ 8 މާޗް 2016 އެވެ. މިދިޔަ ބުރާސްފަތި ދުވަހަކީ ގައްބެގެ އެ އުނދަގޫ ޗެލެންޖް ފުރިހަމަކުރިތާ ދެ އަހަރު ފުރުނު ދުވަހެވެ.

ކަނޑުމަތީގައި 304 ގަޑިއިރު ހޭދަކޮށް، 40 އަށް ވުރެ ގިނަ ރަށްރަށް ދަތުރު ކުރުމަށް ފަހު އެ ޗެލެންޖު ނިންމާލުމަށް ދެ އަހަރު ފާހަގަކޮށް ހަނދާންތައް އާކޮށްލުމުގެ ގޮތުން ވެސް ގައްބެ ކުރީ އެ ހަނދާންތަކާ ގުޅޭ ހާއްސަ ކަމެކެވެ. އެކަން ފާހަގަކުރުމަށް ކަޓަމަރާނެއްގައި ގައްބެ ވަނީ ދަތުރެއްކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން ގައްބެ ކުރި އުނދަގޫ ދަތުރު ނިންމާލުމަށް ފަހު މާލޭގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

ކުރީގެ ދަތުރާ ތަފާތު!

މީގެ ދެ އަހަރު ކުރިން ގެއްބެ ވަނީ މުޅި ރާއްޖެ ވަށައި ބުރު ޖަހައިފަ އެވެ. ގިނަ ރަށްތަކެއްގައި މަޑުކޮށް، ޒުވާނުންނާއި ކުޑަކުދިންނާ ބައްދަލުކޮށްފަ އެވެ. އެ ފަހަރުގެ ދަތުރާއި އެންމެ ފަހުން ގައްބެ ކުރި ދަތުރާ މުޅިން ތަފާތެވެ.

މިފަހަރުގެ ދަތުރު، ކުރީ ދަތުރާ އަޅާބަލާ އިރު ވަރަށް ކުރެވެ. ބޮޑު ޗެލެންޖަކަށް ދިއުމަށް ވުރެ، ގައްބެގެ މިފަހަރުގެ ދަތުރަކީ ކަޓަމަރާނެއްގައި ކުރިން ކުރި އުނދަގޫ ދަތުރުގެ ހަނދާންތައް އާކޮށްލުމެވެ. މިފަހަރުގެ ދަތުރުގައި ގައްބެ މަޑުކުރީ ވެސް ތިން ރަށެއްގަ އެވެ.

މިފަހަރު ކަޓަމަރާނެއްގައި ގައްބެ ކުރި ދަތުރު ފެށީ ބ. ދަރަވަންދޫންނެވެ. އެ ދަތުރު ނިންމާލީ ކ. ގުރައިދޫންނެވެ. ދަރަވަންދޫން ގައްބެގެ ދަތުރު މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު، ދަތުރު ނިންމާލުމަށް ގުރައިދުއަށް ދެވުނީ އިއްޔެ ހަވީރެވެ.

"މިއީ ގައްބެގެ ކުރީގެ ދަތުރަށް ދެ އަހަރު ފުރުމުގެ ގޮތުން އޭރުގެ ހަނދާންތައް އާކޮށްލުމަށް ކުރި ދަތުރެއް. މިފަހަރު ސެއިލްކުރީ ދަރަވަންދޫން ގުރައިދުއަށް. ކުރީގެ ދަތުރުގެ ގިނަ ހަނދާންތަކެއް އާވެއްޖެ. ވަރަށް އުފާވެއްޖެ،" ދަތުރު ނިންމާލުމަށް ފަހު ސަން ސްޕޯޓްސް އާ ވާހަކަ ދައްކަމުން ގައްބެ ބުންޏެވެ.

ކަޓަމަރާނެއްގައި މިދިޔަ ބުރާސްފަތި ދުވަހު ގައްބެ ފެށި ދަތުރު ނިންމާލީ އިއްޔެ ---

އުނދަގުލަކާ ކުރިމަތިވީ އެންމެ ކަމެއް!

މީގެ ދެ އަހަރު ކުރިން ގައްބެގެ ދަތުރު ނިންމާލީ ގިނަ އުނދަގޫތަކަކާއެކު އެވެ. ގައްބެގެ ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ މަގްސަދުގައި އޭރު ރާއްޖެ ވަށައި ބުރު ޖަހައި ނިންމާލި އިރު، އެންމެ ބޮޑު އުނދަގުލެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ މޫސުމެވެ. ވައި މަޑުވުމުން ކުރިމަތިވި އުނދަގޫތަކާއި، މޫސުން ގޯސްވުމުގެ ސަބަބުން ކަޓަމަރާނަށް ލިބުނު ގެއްލުމެވެ.

މިފަހަރުގެ ދަތުރުގައި ވެސް ގައްބެގެ ކަޓަމަރާނަށް ވަނީ ގެއްލުމެއް ވެފަ އެވެ. ކުރިން އެއްވެސް ރަށަކަށް މަޑުނުކުރާ ގޮތަށް ރޭވިފައި އޮތް ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ކ. ގާފަރަށް މަޑުކުރަން ޖެހުނު ސަބަބަކީ ވެސް ކެޓަމަރާން އަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. ގާފަރުގެ އިތުރުން ދެން ގައްބެ މަޑުކޮށްފައި ވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި ހުވަފެންފުށި ރިސޯޓަށެވެ. އެ ދެ ރިސޯޓަށް ގައްބެ މަޑުކޮށްފައި ވަނީ ރައްޓެހިންނާ ބައްދަލުކޮށްލުމަށާއި ހުކުރު ނަމާދު ކުރުމަށެވެ.

ކަޓަމަރާނެއްގައި މިދިޔަ ބުރާސްފަތި ދުވަހު ގައްބެ ފެށި ދުތުރުގައި ގާފަރަށް މަޑުކުރުމަށް ފަހު، އެ ރަށުގެ ކުޑަކުދިންތަކަކާ އެކު ގައްބެ ފޮޓޯއަކަށް ހުއްޓިލައިގެން ---

ގާފަރުން ބޮޑު އުފަލެއް ލިބިގެން ދިޔަ!

ކުރިން ކުރި އުނދަގޫ ދަތުރުގެ ތެރެއިން މަޑުކުރި ކޮންމެ ރަށަކުން ވެސް ގައްބެއަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. މިފަހަރުގެ ދަތުރުގެ ތެރެއިން ކަޓަމަރާނަށް ލިބުނު ގެއްލުމެއްގެ ސަބަބުން ގާފަރަށް މަޑުކުރި ނަމަވެސް، އެ ރަށުން ގައްބެއަށް ބޮޑު އުފަލެއް ލިބިގެންދިޔަ އެވެ.

ގާފަރަށް ފޭބުމާ އެކު ގައްބެއަށް އެ ރަށުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. އޭގެ ތެރޭގައި ގެއްބެ އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ އެ ރަށުގެ ކުޑަކުދިންނާއި ވޯޓާ ސްޕޯޓްސްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަރުހީބެވެ. އެއީ ކުރީގެ ހަނދާންތައް އާލާވެގެން ދިޔަ ކަމެއްގެ ގޮތުގައި ގައްބެ ސިފަކުރި އެވެ.

"ގައްބެއަށް ގާފަރުގެ ކުޑަކުދިންނާއި އެ ރަށުގެ ވޯޓާސްޕޯޓްސްގެ ފަރާތްތަކުން ބޮޑު ތަރުހީބެއް ދިން. ވަރަށް އުފާވި. ހާއްސަކޮށް އެ ރަށުގެ ކުޑަކުދިން ބުނާ ކަހަލަ، ދެން އަހަރެމެންނޭ ދާނީ. އެ ކުދިންގެ މޫނުމަތިން ފެނިގެންދިޔައީ އެފަދަ ފުރުސަތެއް ބޭނުންވެފައި ހުރި ވަރު،" ގައްބެ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ގައްބެ ކުރި އުނދަގޫ ދަތުރު ނިންމާލުމަށްފަހު އޭނާގެ ދަރިއާ ބައްދަލުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ރާއްޖެ ވަށައި ބުރު ޖެހޭނީ ވަރަށް ތައްޔާރުވެގެން!

ކަނޑުމަތީގައި އެތަކެއް ގަޑިއިރުތަކެއް ހޭދަކޮށް، ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރު ޖެހުމަކީ ކޮންމެ މީހަކަށް ވާނޭ ކަމެއް ނޫނެވެ. އެކަމަކީ ހިތްވަރު ގަދަ މީހަކަށް ނޫނީ ވާނޭ ކަމެއް ނޫނެވެ. ހިތްވަރާ އެކު އެކަމަށް ތައްޔާރުވެ، އެކަން ކުރެވޭނީ މީހާގެ ހަށިގަނޑު ވެސް އެކަމަށް ތައްޔާރުވެފައިވާ ނަމަ އެވެ.

ގައްބެގެ ހުވަފެން ހަގީގަތަށް ހެދުމަށް ރާއްޖެ ވަށައި އިތުރު ބުރެއް ޖެހުމަށް އަދި ގައްބެއެއް ނުވިސްނަ އެވެ. ގައްބެ ދެކޭ ގޮތުގައި ވެސް އެއީ ވަރަށް ތައްޔާރުވެގެން ނޫނީ ވާނޭ ކަމެއް ނޫނެވެ. ނަމަވެސް ރާއްޖެ ވަށައި އިތުރު ބުރެއް ޖަހާތަން ނުފެންނާނެ އެކޭ ވެސް ގައްބެ ބުނެފައެއް ނުވެ އެވެ. ނުވަތަ ތަފާތު ކަމެއް ގައްބެގެ ފަރާތުން ނުފެންނާނެ އެކޭ ވެސް ނުބުނެ އެވެ.

މީގެ ދެ އަހަރު ކުރިން ގައްބެ ދެއްކި ހިތްވަރުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު ދީފަ އެވެ. ރާއްޖެއަށް ބޭނުން ވަނީ ގައްބެ ފަދަ ނަމޫނާ ދައްކައި، ހިތްވަރުގަދަ ޝަހުސިއްޔަތުންނެވެ. ރާއްޖެ އަށް ރީތި ނަން ހޯދައިދީ، އެފަދަ ހިތްވަރު ދައްކާ ޝަހުސިއްޔަތުން މިއަދު ވެސް ރާއްޖޭގައި މަދެއް ނޫނެވެ.

comment ކޮމެންޓް